މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ކަނޑައަޅައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން ސޮއިކުރެއްވި އިރު، އެމްބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއާ މެނޭޖަރު މިރުޝާން ވިދާޅުވީ، ބާސްކެޓްބޯޅަ އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމަށާއި، ދިރާގުން ބާސްކެޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވަނީ ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު ދަންނަވާފައެވެ. އަދި އެހެން ހަރުފަތަކަށް ބާސްކެޓްބޯޅަ ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްބީއޭ އާ އެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅޭ ކުޅުންތެރިން ކުރިއެރުވުމަށާއި ބާސްކެޓްބޯޅަ އަށް ޒުވާނުން ނެރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ދިރާގުން ބުންޏެވެ.