ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އިންތިޒާމް ކުރާ ޕަބްލިކް ހިއަރިންގައި ބައިވެރިވެ ބަޔާން ދިނުމަށް ނަން ނޯޓުކުރުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނަން ނޯޓު ކުރުމުގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅޭ އަޑުއެހުންތައް އަންނަ މާޗު މަހުގެ 3 - 5 ކަށް ކުރިއަށް ގެންދަން ހަމަޖެހިފާ ވަނީ ތިނަދޫގައެވެ. އަދި އޭގެ ފަހުން އަންނަ މަހުގެ 18 އާއި 19 ގައި މާލޭގައި ވެސް އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://youtu.be/-wBB_I5xyPQ

ބަޔާންދޭން ބޭނުންވާ މީހެއްގެ ފުރިހަމަ ނަން، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، އެ ހާދިސާއާ ގުޅޭގޮތް ނުވަތަ މައުލޫމާތު އެނގޭ ގޮތް އަދި ބަޔާންދޭން ބޭނުންވާ ގޮތް (ލިޔުމުން ނުވަތަ ހާޒިރުވެގެން) މީގެ އިތުރުން ބަޔާންދޭން ބޭނުންވާ ތަން (މާލެ ނުވަތަ ތިނަދޫ) ބަޔާންކޮށް އޮމްބަޑްސްޕާސަންގެ އޮފީހުގެ ނަންބަރު 7223473 އަށް ފޯނުން ގުޅާ ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި މެއިލް އަށް މި މައުލޫމާތުތައް ހިއްސާކުރެވޭނެެއެވެ.

ތިނަދޫން މީހުން ބޭލީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ގައެވެ. އަދި މީގެ ދެ އަހަރު ކުރިން އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެންބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ.