ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފެނަކަ އިން ހިންގުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސްއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބިގެންދާނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" ތަކާއި އެއްގޮތަށް ކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 ފަރާތެއް ތަމްރީންވެގެން ދާނެ ކަމަށެވެ. އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

ފެނަކައިން ބުނީ މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ މި ފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް އެޅިގެންދާ ބިންގަލެއް ކަމަށާއިސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ..