މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ދޮގު މައުލޫމާތެއް ދީފި ނަމަ މަގާމުން ވަކިކޮށް ދެ އަހަރަށް ޖަލަށް ލެވޭ ގާނޫނެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅި "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު" ގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު ވަނީ އިއްވައިފައެވެ. އަދި ބިލަށް ބަހުސްކުރުން އޮންނާނީ 3 ދުވަހަށް ފަހުއެވެ.

ބިލު ހުށަހެޅުއްވުމުގެ ބޭނުމެއް ކަމަށް އީވާ ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމްތައް އަދާ ކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަ ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ދެ ފުށް ފެންނަ ގޮތަކަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ކަމަށެވެ.

މާލީ ބަޔާނުގައި ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު:

  • ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިލްކުވާ ނުވަތަ ކުއްޔަށް ހިފާފައިވާ ގޯތިގެދޮރުގެ ތަފްސީލް
  • ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގެ ތަފްސީލް
  • ބޭރުގެ އެއްވެސް ބެންކެއްގައި ނުވަތަ މާލީ އިދާރާއެއްގެ އެކައުންޓުގައިވާ ފައިސާގެ ތަފްސީލް
  • ނަގާފައިވާ އަދި ދޫކޮށްފައިވާ ލޯނާއި ރަހުނުކޮށްފައިވާ މުދަލުގެ ތަފްސީލް
  • މަގާމާ ގުޅިގެން ލިބިފައިވާ ހަދިޔާތަކާއި ދަތުރުތަކާއި ވަގުތުން ބޭނުން ކުރެވޭ ތަކެތީގެ ތަފްސީލް

އެ ބިލުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ އެ މީހަކު މަގާމުން ވަކި ކުރުމާއި ދެ އަހަރަށް ޖަލަށްލުން އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އަދި އެ މީހެއްްގެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަން ޖެހޭނެ ކަމަށާއި އެ މައްސަލަ 30 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅާ ކޯޓުތަކުން ވެސް 60 ދުވަސް ތެރޭގައި އެ މައްސަލާގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާލީ ބަޔާންތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާ މިނިވަން މުއައްސަސާ ނުވަތަ އިދާރާ އިން އަންގާ އެންގުމާ ހިލާފުވާ ނަމަ ގިނަވެގެން 100،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ގިނަވެގެން 500،00 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައިވެއެވެ. އަދި މާލީ ބަޔާން ހުށަހެޅުމަށް ބިލުގައި ބުނާ މުއްދަތަށް ވުރެ ލަސްވިޔަސް ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.