ހއ. ފިއްލަދޫ ފުޓްސަލް ދަނޑު މަރާމާތު ކުރަން ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް ބަޔަކު ދަނޑުގައި ކެޔޮ އިންދައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ، އެރަށު ފުޓްސަލް ދަނޑު ތަރައްގީ ކޮށްފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ކަމަށެވެ.

ޒުވާނުން އެދަނޑުގައި މީގެ ކުރިން ކުޅުނު ކަން ފާހަގަ ކުރައްވާ ފަތުހުﷲ ވިދާޅުވީ އެ ދަނޑު ހަލާކުވެ ޒުވާނުން މިހާރު ކުޅެމުން ދަނީ އެދަނޑާ ޖެހިގެން އޮންނަ ފުޓުބޯޅަ ދަނޑުގައި ކަމަށެވެ.

ފިއްލަދޫ ފުޓްސަލް ދަނޑުގައި ކެޔޮގަސް އިންދާފައި / ފޮޓޯ: ސޯޝަލް މީޑިއާ

ފުޓްސަލް ދަނޑު ހަދާފައި ވަނީ ވަރަށް ދެރަކޮށް ކަމަށް ފަތުހުﷲ ފާހަގަ ކުރެއްވިއެވެ. އެގޮތުން ދަނޑުގައި ޓާފް އެޅިއިރު އަޅަން ޖެހޭ ވަރަށް ރަބަރު އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވެއެވެ.

މަރާމާތު ނުކޮށް ލަސްވެ އެރަށު ބަޔަކު އެދަނޑުގައި ފަތިހާ ގޮސް ކެޔޮގަސް އިންދާފައި ވާއިރު އެކަން ކުރި ބަޔަކު އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ފަތުހުﷲ ވިދާޅުވެއެވެ. އަދި މިހާރު އެ ގަސްތައް ދަނޑުން ނަގާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފަތުހުﷲ ވިދާޅުވީ ދަނޑު މަރާމާތު ކުރުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެމަސައްކަތް ނިމުން ކަމަށެވެ.

ފިއްލަދޫގައި މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ރާޢްޖޭގެ އެކި ރަށްރަށުގައި ހުރި މިފަދަ ބައެއް ދަނޑުތަކުގައި މިރުހާއި އެނޫންވެސް ކާނާ ލިބޭ ބައެއް ބާވަތްތައް އެ ރަށްރަށުގެ ޒުވާނުން އިންދާފައި ވާކަން ފާހަގަ ކުރެވެއެވެ. މިއިން ކޮންމެ ހާދިސާއެއްވެސް ހިނގާފައި ވަނީ، ދަނޑު ހެދުން ލަސްވެ ނުވަތަ ދަނޑުގެ މަރާމާތު ލަސްވުންފަދަ ކަންކަމާ ހުރެ ޒުވާނުން ހިތްހަމަ ނުޖެހިގެންނެވެ.