ކޮވިޑް 19 އަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން އަންނައިރު މިއަދު ޕޮޒިޓިވްވީ ޓެސްޓުކުރި ސާމްޕަލްގެ 20.13 ޕަސެންޓް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5042 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 1661 ސާމްޕަލް ހިމެނޭ ކަމަށެވެ. އަދި މާލެ ސަރަހައްދުން ވަނީ ނެގި ސާމްޕަލްގެ 11 ޕަސެންޓް ޕޮޒިޓިވްވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވި އަދަދަށް ބަލާއިރު ޖުމްލަ 1015 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 182 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 728 މީހަކު ހިމެނޭއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 44 މީހެކެވެ.

ޕޮޒިޓިވްވާ އަދަދު މަދުވަމުން އަންނައިރު ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު 29 މީހަކަށް ފަރުވާދެމުން އަންނަ އިރު މިދިޔަ ޖެނުއަރީ މަސްތެރޭގައި އެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށްވެސް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 160،076 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާއިރު މި ބަލީގައި 289 މީހަކު ވަނީ މަރުވެފައެވެ.