6000 ގަސް އިންދުމަށް އަމާޒު ހިފައި މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސް އިންދަން ނިންމައިފިއެވެ.

ސްޓެލްކޯއިން މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ގޮތުން ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައި، މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރި ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއާ އަހްމަދު ސަލީމް (ސައްލެ) އެވެ. މި ރަސްމިއްޔާތުގައި ސަލީމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ކަރާ ގަސް ވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދާފައެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މިދިޔަ އަހަރު މި ޕްރޮގްރާމްގެ ދަށުން 5000 ގަސް އިންދާފައިވާ އިރު، މި އަހަރުގެ އަމާޒަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ސްޓެލްކޯގެ ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށެވެ.

"ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސްއިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒުމިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭ ނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މި ފަދަ ކުންފުންޏަކުން، ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސް އިންދުން ކުރިއަށް ގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒު ހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށް ވެސް ގަސް އިންދުމަކީ މުހިއްމު ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާއި ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއް ނެތި ހަމައެކަނި ކުރިއަށް ގެންދާ ކުންފުންޏަކީ ވެސް ސްޓެލްކޯކަން ފާހަގަ ކޮށްލެވޭ އިރު މިއީ މި ޕްރޮގްރާމް ސްޓެލްކޯއިން ކުރިއަށް ގެންދާތާ ހަތަރުވަނަ އަހަރެވެ.

2019 ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވާ އިރު، 2020 ވަނަ އަހަރު 3000 ގަސް އަދި ކޮވިޑްގެ ދަތި ހާލަތުގައި ފުރަބަންދުވެ ތިބެވެސް މި ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު ސްޓޭލްކޯއިން ވަނީ 5000 ގަސް އިންދާފައެވެ.