ހިޔާ ފްލެޓްގެ ސެކިއުރީޓީ ބެލެހެއްޓުމަށް ހަވާލު ކުރި "ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓޭޑް" ގެ އަންހެން ސެކިއުރިޓީއަކަށް ރޭ ދަންވަރު މީހަކު ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.
އެ ކުންފުނިން ބުނީ، އެ ކުންފުނީގެ ފަރާތުން ހިޔާ ޓަވަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އަންހެން އޮފިސަރަކަށް ވަނީ ރޭ ދަންވަރު 1:15 ގައި ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ. އަދި އަނިޔާވި މުވައްޒަފުގެ އަތް ވަނީ ކަނޑައިގެން ގޮސްފައި ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީ، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ވަށި ކުންފުނިން ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އެވަގުތު މަސްތުވާ ތަކެތި ބޭނުން ކުރަމުން ދިޔަ ފަރާތެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ވަށިން ބުނެއެވެ. އަދި އެ ހަމަލާ ދިން މީހާ އަކީ އެ ޓަވަރުތައް ހުންނަ ސަރަހައްދުން އާންމުކޮށް ނުފެންނަ މީޙެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މި ހާދިސާގެ މައުލޫމާތު މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފައި ކަމަށާއި މި އަމަލު ހިންގި ފަރާތް ހޯދުމަށް ބޭނުންވާ މައުލޫމާތު ވެސް ފުލުހުންނާ ހިއްސާކޮށް ފުލުހުންގެ އިދާރާއިން މިހާރު މި މައްސަލަ ދަނީ ބަލަމުން ކަމަށް ވަށި ކުންފުނިން ބުނެއެވެ. އަދި ހިޔާ ސަރަހައްދުގައި ހިނގަމުންދާ ގަވާއިދާ ހިލާފު އެންމެހާ ކަންކަން ހުއްޓުވައި، ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއެކު އިންތިޒާމުތައް ހަމަޖައްސާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އަދި މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. ނަމަވެސް އަދި މި މައްސަލއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އަނިޔާ ލިބިފައިވާ އަންހެން ސެކިއުރިޓީ އޮފިސަރުގެ ހިތްވަރު ގަދަކަމާއި ކުޅަދާނަކަން ފާހަގަކޮށް ވަނީ އޭނާއަށް ސާބަސް ދީފައެވެ. މިފަދަ އަމަލުތައް ހުއްޓުވުގައި މެދުކެނޑުމެއްނެތި އެ ކުންފުނީގެ ހީވާގި މުވައްޒަފުން ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުން ކަމަށާއި ހިޔާ ސަރަހައްދުގައި ހިނގަމުންދާ މިފަދަ އަމަލުތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފަިއވާ ހިޔާ ޓަވަރުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ހިސާބުން އެކި ކަހަލަ އިޖްތިމާއީ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ހިޔާ ޓަވަރުތަކުގައި ސަލާމަތީ ކަންކަން ނުބަލަހައްޓާ މައްސަލަ ހޫނު ވުމުން އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބޭ ގޮތަށް 4 ގްރޫޕަކަށް މަސައްކަތް ހަވާލުކޮށްފައެވެ.
ސެކިއުރިޓީ ގާޑުން ހަރަކާތްތެރި ވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަން ވެސް ގަވާއިދުން ބަލަމުންދާ އިރު، އެތަނުގައި ދިރިއުޅޭ މިހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް އެފަރާތުން ބަލާނެއެވެ.