ފުވައްމުލަކު ސިޓީގެ ގެއަކަށް ސިހުރު ކިޔަވައި ފެންޖެހި ކަމަށް ބެލެވޭ މައްސަލައެއް ބަލަމުންދާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކުގެ ގެއަކަށް ސިހުރު ކިޔަވައި ފެން ޖަހިކަމަށް ބެލެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައި ވާއިރު، މިދިޔަ މަހުގެ 22 ގެ ދަންވަރު 12 ގެ ވަގުތެއްގައި ކެމެރާއަކުން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގެއަކަށް ފިރިހެނަކު ވަދެއެވެ. އަދި ކިޔަވަމުން އެ ގެއަށް ވަންނަ ގޭޓު ސަރަހައްދަށް ފެން އުކާ މަންޒަރު ފެނެއެވެ.

https://fb.watch/b9Qd-bvafU/

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ އެއްބަފާ ބޭބެއަކު އޭނާގެ އާއިލާ މީހުން ދިރިއުޅޭ އެހެން ގެއަކަށެވެ. އަދި އޭނާ އަކީ ފުވައްމުލަކުގެ މިސްކިތެއްގެ މުދިމެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކީއްވެ ކަމެއް ސާފެއްނުވެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގް ވިދާޅުވީ، ސޯޝަލް މީޑިއާއިން އެފަދަ ވީޑިއޯއެއް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.