މި މަހު 5 ވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާ ދިމާކޮށް އެ ރަށް ކައިރިން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން އިއުލާނުކުރި 3 ރަށް ކުއްޔަށް ދޫކުރުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ސިވިލް ކޯޓުން އެގޮތަށް އިއްޔެ އަމުރު ނެރުނީ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ކުންފުނިން ހުށައެޅި މައްސަލައިގާ ބުނެފައިވަނީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށަކީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ތިން ރަށް ކަމަށެވެ. އެހެންކަމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނުނިމެނީސް އެރަށްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވައިދިނުމުގެ އަމުރަކަށް ވެސް އެދިފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ތިން ރަށް އެ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައި އޮތީ 2008 ވަނަ އަހަރު ލ. ބޮޑުފިނޮޅު އަދި ލ. ގަސްފިނޮޅުގައި ރިސޯޓް ހަދަން އެ ކުންފުންޏަށް ދީފައި ވިޔަސް، އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެތަނުގެ ބަދަލުގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ގިނަ މަޝްރޫއުތަކެއް ސަރުކާރުން އެ ދާއިރާގައި ފަށައިފާ އޮތް ދަނޑިވަޅެއްގައި، މި މަހުގެ 16 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން ތިން ރަށެއް އިތުރު ކޮށްފައިވާ ކަމަށާއި އެއީ ށ. މެދުރަށާއި ދިގުރަށް އަދި މައިރަށް ކަމަށެވެ. މިއީ ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރަން ނިންމާފައިވާ ރަށްތަކެއް ކަމަށާއި އެ ތިން ރަށުގެ ބޮޑު މިނުގައި 19 ހެކްޓަރު ހުންނާނެ ކަމަށް ޓޫރިޒަމުން ބުނެއެވެ.

ދުބާއީގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް އެކްސްޕޯގައި ރިސޯޓު ހަދަން ސަރުކާރުން އެންމެ ފުރަތަމަ އިއުލާން ކުރީ 18 ރަށެވެ. އޭރު އިއުލާން ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުގެ އެންމެ ރަށެކެވެ. ށ. ކުޑަޅައިމެންދޫއެވެ.