ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ތަކުރާރުކޮށް މަހިބަނދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ހުށައަޅާފައެވެ. އެގޮތުން މިދިޔަ 2020 އަދި 2021 ވަނަ އަހަރުވެސް ތޯރިގު ވަނީ ހުށައަޅާފައެވެ.

މީގެ ކުރިން އޮކްޓޯބަރު 27، 2020 ވަނަ އަހަރުވެސް އެ އިސްލާހު މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ނުދައްކުމުގެ ސަބަބުން އެ ބިލުގެ ބަހުސް ވަނީ ނިންމާލައިފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި 2019ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން އެ ވައުދުގެ ވާހަކަ އަޑުގަދަކޮށް ވަނީ ދައްކާފައެވެ

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލު މަޖިލީހުގެ މި ދައުރަށް އެޖެންޑާ ނުކުރެވި އޮތީ، ބިލު ހުށަހެޅުއްވި މެންބަރު ތޯރިގް ކޮވިޑަށް ޕޮޒިޓިވުމާ ގުޅިގެން މަޖިލީހަށް ހާޒިރުވެވަޑައިނު ގަންނަވާތީ ކަމަށެވެ.

ތޯރިގު ހުށައެޅުވި ބިލުގައި ބުނެފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކޮށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ހުށައެޅުއްވި އިސްލާހުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ:

1- އުއްތަމަފަނޑިޔާރު.

2- ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.

3- ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

4- ވަކީލުން އިންތިހާބުކުރާ ވަކީލެއް.

5- ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.

6- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާކާރެއް.