ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
"ދަ ޕްރެސް" އަށް މިކަން ކަށަވަރު ކޮށްދެއްވައި ޖާބިރު ވިދާޅުވީ ސިވިލް ކޯޓުން އަމުރު ނެރެ ޗިޓް ފޮނުވިއިރު، މިވަގުތު ހުންނެވީ މާލޭން ބޭރުގައި ކަމަށާ އެހެންވެ ޗިޓު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
މި އަމުރު ނެރެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 2008 ވަނަ އަހަރު ޑީއާރުޕީގައި ހުންނެވިއިރު، އޭރު އެ ޕާޓީން އެމްޓީސީސީއަށް ދައްކަން އޮތް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ސިވިލް ކޯޓުން "ދަ ޕްރެސް" އަށް ބުނީ، މާދަން ހެނދުނު 11:45 އަށް ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައަކީ އެމްޓީސީސީ އާއި ޑީއާރުޕީ އާ ދެމެދު އޮތް މައްސަލައެއް ކަން އެ ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.
މީގެ ހަތަރު އަހަރު ކުރިން، އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖާބިރު އަތުން މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލަ އެއްވެސް ޖާބިރުގެ ފަރާތުން ހުށަހަޅާފައިވެއެވެ. ނަމަވެސް ހެކި ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންގޮސް ވަނީ ފައިލް ކޮށްފައެވެ.