ރަޝިއާއިން ޔޫކްރައިންނަށް އަރާ ހަނގުރާމަ ކުރުމަކީ ނުވެ ނުދާނެ ކަމަށް އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ބުނަމުން ދާ ދިއުން ވަރުގަދަ ކުރަމުން އަންނަ މި ދަނޑިވަޅުގައި، ޔޫކްރައިންގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ ރައްޔިތުން، ޔޫކްރައިނުން ފޭބުމަށް، ގިނަ ގައުމުތަކަކުން ގޮވާލައިފިއެވެ.

ޔޫކްރައިނުން ފައިބަން ރައްޔިތުންނަށް އިރުޝާދު ދީފައި ވާ ބައެއް ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ. މީގެ އިތުރުން ކެނެޑާ، އޮސްޓްރޭލިއާ، އިޓަލީ، ނެދަލަންޑްސް އަދި ޖަޕާންވެސް ހިމެނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވާ، ރަޝިއާއިން ޔޫކްރައިން ހިފުމުގެ ގެއްލުންތަކުގެ އިންޒާރު އަނެއްކާވެސް ދެއްވާފައެވެ.

ފެބުރުއަރީ 16 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިން ހިފަން އުޅޭ ކަމުގެ އިންޒާރު، ހުޅަނުގެ ބައިވެރިންނަށް ބައިޑަން ދެއްވާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާއިން ޔޫކްރައިން ހިފަން އުޅޭ ކަމުގެ ހުއްޖަތެއް ކަމުގައި ހަދަނީ، ރަޝިއާއާއި ޔޫކްރައިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާއިން އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުން ދިއުމެވެ.

ވައިޓްހައުސް އިން ވަނީ ހަމަ ކޮންމެ ފަދަ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދޭން ފަށާފާނެ ކަމުގެ އިންޒާރު ދީފައެވެ. ރަޝިއާއިން ހަމަލާ ދޭން ފަށާނީ، ވައިގެ މަގުން ބޮން އަޅައިގެން ކަމަށްވެސް ވައިޓްހައުސް އިން ވަނީ އިންޒާރު ކޮށްފައެވެ.

ކަން މިހެން އޮތް އިރު ޔޫކްރައިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ، ޔޫކްރައިން ހިފަން އުޅޭ ކަމުގެ އިންޒާރުތަކުގެ ސަބަބުން ހާސް ކަން އުފެދި މަސްރަހު ނުތަނަވަސް ވެދާނެ ކަމަށް ވިދާޅުވެފައެވެ. ވަރުގަދަ ހަނގުރާމައެއްގެ ވާހަކަ މީޑިއާގައި ދެކެވެމުން ދާ މި ދަނޑިވަޅުގައި، ހުޅަނގުގެ ބާރުތަކުން އެ ބުނާ ހެއްކެއް އަދި ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ހުރިހާ ނުރައްކަލެއްވެސް ފަހުމްވެވަޑައިގަންނަވާ ކަމަށާ، 100 ޕަސެންޓް ބަރޯސާވެވޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރި ނަމަ، ޔޫކްރައިންއާ އެކަން ހިއްސާ ކުރެއްވުމަށްވެސް ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ.