މަސްދުވަސް ތެރޭ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ދެވަނަ ފަހަރަށް ބޮޑުކޮށްފިއެވެ.

މީގެ 30 ދުވަސް ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 12.06ރ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވިއްކަމުން ދިޔައީ 12.44ރ އަށެވެ.

ނަމަވެސް މިއަދު މި ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޓަރެއް ދެން ވިއްކަމުން ދާނީ 12.98ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ދެން ވިއްކަމުން ދާނީ 13.04ރ އަށެވެ. އެހެންކަމުން ޕެޓްރޯލް ލީޓަރެއްގެ އަގު ހަތް ޕަސެންޓު އުފުލިފައިވާއިރު، ޑީސަލް ލީޓަރެއްގެ އަގު މި ވަނީ ހަތަރު ޕަސެންޓު އުފުލިފައެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީވެ، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބެނީ އަގުބޮޑުކޮށް ކަމަށާއި، އެހެންކަމުން އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތަކުން ތެޔޮ ލިބެމުން ދާނީ ބަދަލު ގެނެވިފައިވާ އަގުތަކުގައި ކަމަށެވެ.

ތެލުގެ އަގު އުފުލެމުން ދާތީ، އެސްޓީއޯއިން އަންނަނީ އެކުންފުނިން އެތެރެކުރާ ތެލުގެ އަގު ދޭތެރެއަކުން ބޮޑު ކުރަމުންނެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.