މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ކޯޓުތަކުން ޖުމްލަ 169 މައްސަލައެއް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖޭގެ ހުރިހާ ކޯޓުތަކަކުން ނިންމެވީ، 159 މީހެއްގެ މައްޗަށް ހުށަހެޅުނު 169 ދައުވާއެވެ.

އޭގެ ތެރެއިން 98 މައްސަލައަކީ ޑްރަގް ކޯޓުން ނިންމި މައްސަލަތަކެވެ. ބާކީ އޮތް 71 މައްސަލައިގެ ތެރެއިން 26 މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމި މައްސަލައެވެ.

ޑްރަގް ކޯޓު ފިޔަވައި، އެހެނިހެން ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން 69 ޕަސަންޓް މައްސަލަ ސާބިތުވިއެވެ. މީގެ އިތުރުން 24 ޕަސަންޓު މައްސަލަ ނިމުނީ ސާބިތުނުވެއެވެ. އަދި 7 ޕަސަންޓް މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ވަނީ ނިންމާފައެވެ.

މިދިޔަ މަހު، ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ޝެޑިއުލްކުރީ، ޖުމްލަ 87 ކޯޓުގައެވެ. އެއީ 1001 އަޑުއެހުމެވެ. މީގެ ތެރެއިން ބޭއްވުނީ 461 އަޑުއެހުމެވެ. އެކި ސަބަބުތަކާހުރެ 540 އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެއީ 272 އަޑުއެހުމެވެ. މީގެ އިތުރުން ޑްރަގް ކޯޓު 71 އަޑުއެހުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 37 އަޑުއެހުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު 30 އަޑުއެހުން ހިމެނެއެވެ.

މިދިޔަ މަހު 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދައުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވެއެވެ. އެންމެ ގިނައިން ހުށަހެޅިފައި އޮތީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު 97 މައްސަލައާއި، ޑްރަގް ކޯޓަށް 47 މައްސަލައާއި ހުޅުމާލޭ ކޯޓަށް 16 މައްސަލައެވެ.