މިއަހަރު ކޮންމެ މަހަކު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި، ޕީޖީ އޮފީހުގެ މަސައްކަތާ ގުޅިގެން ކުރެވުނު ކަންތައްތަކާއި، ނުކުރެވި ހުރި ކަންތައްތަކާއި، ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އޭގެ ސަބަބުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން، ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ ހުރިހާ އިދާރާތައް ޖަވާބުދާރީ ކުރުވަން މަގު ފަހިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި މަސައްކަތުގެ ތެރެއިން، ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެން ދާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން. ހާމަކުރުމާއި، ކަންކަން ނުފޮރުވުމަކީ، އިދާރީ ހިންގުމުގެ ދާއިރާގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން."
ޕީޖީ ހުސައިން ޝަމީމް

އެގޮތުން ކޮންމެ މަހެއްގެ ވެސް ފުރަތަމަ ހަފްތާގެ ތެރޭގައި، ވޭތުވެދިޔަ ހަފްތާގައި ޖިނާއީ އަދުލުގެ ނިޒާމުގައި ކަން ހިނގައި ދިޔަ ގޮތުގެ މައުލޫމާތިގެ ތެރެއިން އަންނަނި ކަންކަމުގެ މައުލޫމާތި ހާމަ ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެ ކަންކަމަކީ:

  • ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރުމަށް ޝެޑިއުލް ކުރި މައްސަލަތަކާއި، ބަލައިގަނެވުނު މައްސަލަތަކާއި، ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ އަދަދު
  • ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި، ބާވަތާއި ހުށަހެޅުނު ކޯޓުތައް
  • އެމަހެއްގައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރެއްވި ކޯޓުތަކާއި، އެއަޑުއެހުންތައް ބޭއްވުނުކަން ނުވަތަ ނޫންކަން
  • ކޯޓުތަކުން އެމަހެއްގައި ނިންމެވި މައްސަތަކުގެ ޖުމްލަ ޢަދަދާއި، އެމައްސަލަތައް ސާބިތުވިކަން ނުވަތަ ނޫންކަމާއި، އެމައްސަލަތައް ނިންމެވި ކޯޓުތަކުގެ ނަންތައް

ނިމިދިޔަ ޖެނުއަރީ މަހު ޕީޖީން ކުރި މަސައްކަތް ތަކުގެ ތެރެއިން، ފުލުހުންނާއި މަޝްވަރާ ކުރި މައްސަލތަކަށް ބަލާއިރު، ފާތު 58 ބާވަތުގެ 145 މައްސަލައިގައި ފުލުހުން ޕީޖީ އޮފީހާ މަޝްވަރާ ކުރިއެވެ. އޭގެތެރެއިން 130 މައްސަލައިގައި ގޮތެއް ނިންމާފައި ވާއިރު، 62 މައްސަލަ ގައި މައުލޫމާތު ފުރިހަމަވެގެން ދައުވާ ކުރުމަށް ނިންމައި، 18 މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަމަށް ނިންމައި، 50 މައްސަލައިގައި އިތުރު މައުލޫމާތު ސާފުކުރުމަށް ފުލުހުންނަށް އަންގާފައި ވެއެވެ. މި މަސައްކަތުގައި ޕީޖީ އޮފީހުގެ 75 ވަކީލުން މަސައްކަތް ކުރެއްވި އިރު، އެންމެ ގިނަ މައްސަލަ ދިރާސާ ކުރެއްވީ، ރ. ދުވާފަރުގައި އަލަށް އުފެއްދި ޕީޖީ އޮފީހުގެ ގޮފިން ރިމާހު މުހައްމަދު، 6 މައްސަލައެވެ.

ޖެނުއަރީ މަހު ހުށަހެޅި މައްސަލަތަކަށް ބަލާއިރު، 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދައުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައި ވެއެވެ. އެންމެ ގިނައިން ހުށަހެޅިފައި އޮތީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު 97 މައްސަލައާއި، ޑްރަގް ކޯޓަށް 47 މައްސަލައާއި ހުޅުމާލޭ ކޯޓަށް 16 މައްސަލައެވެ. އެގޮތުން އެއް ދުވަހަކަށް، އެންމެ ގިނައިން މައްސަލަ ހުށަހެޅުނީ ޖަނަވަރީ 13، 2022 ގައި ހުށަހެޅި 23 މައްސަލަ އާއި ޖަނަވަރީ 3، 2022 ގައި ހުށަހެޅި 20 މައްސަލައެވެ.

އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، ކްރިމިނަލް ކޯޓަށް ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ 14 މައްސަލައަކާއި، ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ 11 މައްސަލައަކާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން 12 މައްސަލައެއް ހުށަހަޅާފައެވެ.