މިދިޔަ ބުރާސްފަތި ދުވަހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލެއް އެއް ނަންބަރު ޖެޓީ ސަރަހައްދުގެ ފަޅު ތެރެއަށް ވެއްޓިގެން ދިޔަ ގޮތުގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، ޖީއެން ސައިކަލު ގޮސް ފަޅުތެރެއަށް ވެއްޓިފައިވަނީ ކުރިމަތިން ދުއްވާފައި ދިޔަ ޕީސީއެކްސް ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭ ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

ސައިކަލު ގޮސް ފަޅުތެރެއަށް ވެއްޓުނު ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ ވެއްޓުނީ މަގުމައްޗަށެވެ. މި ހާދިސާގައި ޖީއެން ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދިންކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޯވަޓޭކް ކުރަން އުޅެނިކޮށް ޖީއެން ސައިކަލު ގޮސް ފަޅުތެރެއަށް ވެއްޓިިފައިވާއިރު، އެ ސައިކަލުގެ ކުރިމަތިން ދުއްވާފައި ދިޔަ ޕީސީއެކްސް ސައިކަލު ދުއްވަމުން ދިޔަ ފަޅި ބަދަލުކޮށްފައިވަނީ ސިގްނަލް ނުދީއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދިން ނަމަވެސް، ފުލުހުން ބުނީ މި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަގުމަތީގައި އުޅަނދު ފަހަރު ދުއްވާފައި ދާއިރު، ސިގްނަލް ދިނުން ފަދަ ކަންކަމަށް ނުބަލައި ނުވަތަ ކަނޑައަޅާފައިވާ ވަރަށް ވުރެ ބާރު ސްޕީޑުގައި އުޅަނދު ފަހަރު ދުއްވުމަކީ މާލޭގެ މަގުމަތީގައި އާންމު ކަމެކެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ބައެއް ފަހަރު ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެސް ވެއެވެ.