ކުޑަކުދިން ބެލުމަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް ހުޅުމާލޭގައި ހަދާނެ ބަޔަކު ހޯދުމަށް އެޗްޑީސީއިން އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން ބުނީ ޑޭ ކެއާ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ބޯގަންވިލާ މަގުގައި އޮންނަ ލޮޓު ނަންބަރު 10949 ގައި ކަމަށެވެ. އަދި ޑޭ ކެއާ ސެންޓަރު ތަރައްގީ ކުރުމަށް އެޗްޑީސީގެ ބިޒްނަސް މޮޑެލްއަކީ ޑިވެލޮޕްމަންޓް އެންޑް ލީސް ރައިޓްސްއެވެ.

އެތަން ތަރައްގީ ކުރުމާއި ކުއްޔަށް ދިނުމުގެ ހައްގު ތަރައްގީ ކުރާ ފަރާތައް ލިބުނު ކަމުގައި ވިޔަސް އެ ނޫން ގޮތްގޮތަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް އެޗްޑީސީގެ ވަނީ ބުނެފައެވެ. އަދި ކޮންމެ ގޮތަކަށް ޕްރޮޕޯސަލެއް ހުށަހެޅި ނަމަވެސް ދެ ފަރާތަށް ލިބޭ މަންފާތަށް ޕްރޮޕޯސަލްގައި ސާފުކޮށް ބަޔާން ކުރަންޖެހޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭ ހިޔާ ފްލެޓްގެ ތިން ވަނަ ޓަވަރުގައި 2100 އަކަފޫޓް ޑޭ ކެއާ ސެންޓަރެއް ހަދަން މިދިޔަ އޮކްޓޯބަރު މަހު އިއުލާނުކޮށްފައެވެ.