އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އަދިވެސް ގުޅުން އޮންނަ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޭނާގެ އެސޯޝިއޭޓުން ގާތު ވިދާޅުވި ކަމަށް، އަލަށް ޝާއިއު ކުރާ ފޮތެއްގެ މުސައްނިފަކު ހާމަ ކޮށްފިއެވެ.
ނޫސްވެރިޔާ މޭގީ ހޭބާމަންއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހާރިޖީ ލީޑަރުންގެ ތެރެއިން ޓްރަމްޕް އަދިވެސް އެ ބޭފުޅަކާ ގުޅުން ބާއްވަވާ ހަމައެކަނި ލީޑަރަކީ ކިމް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ ވާހަކަތަކަކީ 100 އިންސައްތަ ކަށަވަރު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމުން، އެއީ އަސްލެއް ނެތް ކަމަކަށް ވެދާނެ ކަމަށްވެސް ހޭބާމަން ވަނީ ފާހަގަ ކޮށްފައެވެ.
2018 ވަނަ އަހަރު ސަމާސާ ރޫހެއްގައި ޓްރަމްޕް ވަނީ "ސިޓީބިޓީ"ގެ ޒަރިއްޔާއާއި ކިމްއާ "ގާތްވެވަޑައިގެންނެވިފައި" ވާ ކަމަށް އިއުލާން ކުރައްވާފައެވެ. ނަމަވެސް އުތުރު ކޮރެއާއިން ހިންގާ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެންނެވުމަށް، ހުދު ޓްރަމްޕްވެސް ވަނީ ފެއިލްވެވަޑައިގެންފައެވެ.
ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިޔާ ހޭބާމަން މިކަން ހާމަ ކުރީ، ޓްރަމްޕާ ބެހޭ ގޮތުން އޭނާ ލިޔަމުން އަންނަ ފޮތް "ދަ ކޮންފިޑެންސް މޭން" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އެ ގައުމު ވަނީ ބައިނަލްއަގުވާމީ މައިދާނުން އިންތިހާއަށް އެކަހެރި ކުރެވިފައި ކަމަށް ވާ އިރު، ޓްރަމްޕާ ގާތް ގުޅުމެއް އޮތުން ނާދިރު ކަމުގައި ބެލެވިދާނެއެވެ.
ކަން މިހެން އޮތް ނަމަވެސް، ޓްރާމްޕާއި ކިމްއާ ދެމެދު މުއާމަލާތްތަކެއް ވަނީ ހިންގަވާފައެވެ. އެމެރިކާގެ ގައުމީ އަރުޝީފުން ހުސްވި މަހު ޓްރަމްޕް އަތުން ނެންގެވި 15 ފޮށިގަނޑުގެ ކަރުދާސްތަކުގައިވެސް ކިމްއާއި ޓްރަމްޕްގެ މުއާމަލާތްތަކެއް ވެއެވެ.
ނޭޝަނަލް އާކައިވްސްއަކީ ރިޔާސީ ފެންވަރުގައި ހިންގަވާ މުއާމަލާތްތައް ރައްކާ ކުރުމާ ހަވާލުވެފައި ވާ އިދާރާއެވެ. ވެރިކަމުގެ ދައުރު ނިންމަވާލެއްވުމަށްފަހު، މި ލިޔެކިއުންތަކަކީ ނޭޝަނަލް އާކައިވްސްއަށް ދާން ޖެހޭ ލިޔުންތަކެއް ނަމަވެސް، ޓްރަމްޕް އެ ލިޔެކިއުންތައް ގެންދެވީ އަމިއްލަފުޅު ގެއަށެވެ.
ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރު ވައިޓްހައުސްގައި މަސައްކަތް ކުރި ބައެއް މީހުންނާ ހަވާލާދީ، ހޭބާމަން ބުނެފައި ވާ ގޮތުގައި، ވައިޓްހައުސްގެ ފާހާނާ ނިޒާމު ތާށިވެގެން ބައެއް ދުވަސް ދުވަހު އުޅެންޖެހެއެވެ. އަދި އެކަން އެހެން ހިނގަނީ، ޓްރަމްޕްގެ ފާހާނާ ކޮޅުގައި ހުންނަ ފާހާނާ ތައްޓަށް ކަރުދާސްތަކެއް އަޅުއްވާތީ ކަމަށްވެސް މުވައްޒަފުންނާ ހަވާލާދީ ހޭބާމަން ވަނީ ބުނެފައެވެ.
ނަމަވެސް، ޓްރަމްޕް ވަނީ މިކަމުގައިވެސް ހަގީގަތުން އެއްކިބާވެފައި ވާ ވާހަކަތަކެއް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.