މާލޭގެ މާފަންނުގައި ހުންނަ އައިޖީއެމްއެޗުން ފެށިގެން ދިވެހިރާއްޖޭގެ އަޑު ހުންނަ ސަރަހައްދުން މާދަމާ ހެނދުނު ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، މާފަންނު އައިޖީއެމްއެޗާއި ދިވެހިރާއްޖޭގެ އަޑު ހުންނަ ސަރަހައްދު ފާހަގަ ކޮށްފައި ވާނީ ބުރުޒު މަގާއި، މުރަންގަ މަގާއި، ކަނބާއައިސާރަނި މަގާއި، ޝަހީދު އަލީ ހިނގުމުން ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް މާދަމާ ކެނޑިދާނެ ވަގުތަކީ ހެނދުނު 7:00 އިން 9:00 އާ ދެމެދުގެ ވަގުތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ބުނީ އެ ކުންފުނިން ކުރާ މަސައްކަތެއް ކަަމަށްވާ ސްވިޗް ގިއާ ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ދެ ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ބުނި ނަމަވެސް މި މަސައްކަތް ނިމުނު ހާ އަވަހަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.