ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އޮއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފައި ވާއިރު، މިރޭ އިސްކަންދަރު ސްކޫލްގައި އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވަން ވަނީ ނިންމަވާފައެވެ.

ހަ ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސްގެ ދެކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުގައި ވުމުން، ރައީސް އޮފީހުން އިތުރު ތަފްސީލެއް ނުދެއެވެ.

މިރޭ އެމްޑީޕީން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަން ނިންމަވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު އިސްލާހުތަކެއް ފޮނުއްވާފައި ވާއިރު އެމަނިކުފާނު ވިދާޅުވީ، މިހާރުވެސް ގާނޫނުއަސާސީ އިސްލާހުކުރުން ލަސްވެއްޖެ ކަމަށެވެ. އެހެންވެ އެ ބަދަލުތައް ކަނޑައެޅުމަށްޓަކައި އަންނަ ޖޫން މަހުގެ ކުރިން އެމްޑީޕީން ކޮންގްރެސް އެއް ބާއްވަން ހުށަހަޅުއްވަން ނަޝީދު ވަނީ ނިންމަވާފައެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ނަޝީދު ހުށަހަޅުއްވާ ބަދަލުތައް

  • މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކުރުން
  • ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން
  • ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓު 30 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިފި ނަމަ، އެ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން، އެހެންނޫނީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބޭއްވުން
  • ލާމަރުކަޒީ އުސޫލުތައް އިތުރުކުރުން
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓު ނަގާނެ ތާރީހަކާއި އިންތިހާބުގެ ނަތީޖާ އާ އެއްގޮތަށް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން ނިންމުން

ހަމަ އެއާއެކު، މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީ ބާއްވާނެ ތާރީހުގެ އިތުރުން، ގިނަ ނިންމުންތަކެއް ނިންމަން އެޖެންޑާ ކޮށްފައިވެއެވެ.