މާލެއިން 1000 ޕާކިން ޖާގަތައް އަމިއްލަ ފަރާތްތަކަށް ވިއްކުމަށް މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން ޕާކިން ޖާގަތަކަށް ހުޅުވާލައިފިއެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލުން މިކަން ކުރަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. ހަމައެހެންމެ އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރަންވާނީ ބިމާ ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަމަށް އެސިޓީގައި ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ކައުންސިލުގެ މި މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ. އެސިޓީގައި މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ މުއާމަލާތުގެ ލިޔެކިއުންތައް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.
ނަމަވެސް މިއަދު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ ޕާކިން ޖާގަތަކަށް ކުރިމަތި ލުމުގެ ފުރުސަތު ފެބްރުއަރީ 16، 2022 ވާ ބުދަ ދުވަހުން ފެށިގެން، އެކަމަށް ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭނެ ކަމަށް ސިޓީ ކައުންސލިން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ބުނީ، ގާއިމު ކޮށްފައިވާ ޕާކިން ސްލޮޓުތަކުގެ ތެރެއިން 25 ޕަސަންޓް ހާއްސަކޮށްފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނޭ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެއިއުލާނުގައި އިތުރަށް ވަނީ، ކުލިދައްކައިގެން ޕާކް ކުރުމަށް ޖާގައަށް އެދޭ މީހުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކޮށް، ބޭނުންވާ ތިން އޮޕްޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ. އަދި އޮންލައިން ޕޯޓަލްގެ ލިންކް އަވަސް ފުރުސަތެއްގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.