ށ. މިލަންދޫ ރަށު ކައުންސިލު މެންބަރު އަހުމަދު ޝިޔާމަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމާ ގުޅިގެން އެ ހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާ އަޑީގައި ހުންނަވައިގެން ދެއްވި ހަމަލާއެއް ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރިޒާ ނުގަވާއިދުން ވަޒީފާތައް ދީފައި ތިބި މީހުންގެ ވާހަކަ ދައްކާތީ ގޯސްވެގެން އުޅޭ ކަމަށާއި މި މައްސަލައަކީ އޭނާ ކައުންސިލު މެންބަރުކަމަށް ކުރިމަތިލެއްވި ހިސާބުން ފެށުނު މައްސަލައެއް ކަމަށެވެ.

"ނުގަވާއިދުން ވަޒީފާއާ ކޮންޓެކްޓު މަސައްކަތް ދީގެން އުޅޭ މީހުންގެ ވާހަކަ ފޭސްބުކްގައި އަޅުގަނޑު ޖަހާތީ ގޯސްވެގެން އުޅެނީ. އަޅުގަނޑު އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަންވެސް ރިޒާ ގަބޫލެއް ނޫން"
މިލަންދޫ ކައުންސިލް މެންބަރު އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ ރޭގެ މާރާމާރީ ހިނގާދިޔައީ ގާތްގަނޑަކަށް 11 ޖަހާ ހާއިރު އެ ރަށު ރެސްޓޯރަންޓެއް ތެރޭގައި ކަމަށާއި ކޮއްކޮއަކާ ދެމީހުން ކޮފީ ބޯން ތިއްބާ އައިސް ދިން ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގައި ވާތު ކޮނޑުހުޅު ކައިރި މަސްގަނޑަށް ތޫނު އެއްޗެއް ހަރާލައިކުމުގެ ސަބަބުން އަނިޔާ ލިބިފައިވާ ކަަމަށް ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝިޔާމް ވަނީ އެ ވަގުތު އެތަނަށް ފުލުހުން އައި ކަމަށާއި ފުލުހުންގެ ފަރާތުން ހިމާޔަތް ލިބުނު ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރިޒާ އެ ރަށުގައި ހުރުމަށްފަހު މިއަދު ހެނދުނު މާލެ ފުރައިފި ކަމަށެވެ. އަދި އެ ގުރޫފުން އިއްޔެ ޝިޔާމްގެ ކޮއްކޮއަކާ ދިމާކޮށް މަރުގެ އިންޒާރުދީފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.