ށ. މިލަންދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ނާޝިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިތާ އެންމެ 15 ދުވަހުގެ ތެރޭގައި، މުޅި މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.
މިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ މަޝްހޫރު ބޮސްކާލިސް ކުންފުނީގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއިން އޮފް ދަ ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. މިއީ 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ. މި ޑްރެޖަރުގެ އެހީގައި މަސައްކަތް ކުރިއަށްދާތީ، ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކުމުގެ ބޮޑު ބައެއް ނިންމާލެވުނުކަން ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްގީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށި ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
