އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފުލް ހައުސް"ގައި ބައްޕައެއްގެ ރޯލުން ފެނިގެންދިޔަ ކުޅަދާނަ ބަތޮލް އަދި ކޮމީޑިއަން ބޮބް ސަގެޓް، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު، ކުއްލި ގޮތަކަށް މަރުވީ، އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގައި ކަމަށް، އޭނާގެ އާއިލާއިން ބުނެފިއެވެ.

ސަގެޓްގެ އާއިލާއިން ހާމަ ކުރި ގޮތުގައި ސަގެޓްގެ ބޮލުގެ ފަހަތަށް އަނިޔާވިއެވެ. އެއީ ތަނެއްގައި ޖެހިގެން ކަމެއް ނުވަތަ އެއްޗަކުން ޖެހިގެން ކަމެއް ސާފެއް ނުވެއެވެ. ބޮލަށް ލިބުނު އަނިޔާ މާ ބޮޑު ކަމަކަށް ނުހަދާ، ސަގެޓް އެރޭ ނިދީ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދި ސަގެޓްގެ ކުއްލި މަރުގައި، ޑްރަގް ނުވަތަ އެނޫންވެސް މަސްތުވާ ޒާތުގެ އެއްޗެއްގެ ދައުރެއް ނުވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ސަގެޓް މަރުވެފައި އޮއްވާ ފެނުނީ އޮލާންޑޯގެ ހޮޓަލެއްގައި އޭނާ ހުރި ކޮޓަރި ތެރެއިން، ޖެނުއަރީ 9 ވަނަ ދުވަހުއެވެ. ސީންއަށް ދިޔަ އޮފިޝަލުން ވަނީ، އެތަނަށް އެމީހުންނަށް ދެވުނު އިރުވެސް ސަގެޓް މަރުވެފައި ވާ ކަމަށް ބުނެފައެވެ.

ސްޓޭންޑް-އަޕް ކޮމިޑީއަންއެއްގެ ގޮތުގައި ޝޯ ދެމުން ދިޔަ ސަގެޓް މަރުވެފައި އޮއްވާ ފެނުނުތާ މަދު ގަޑިއިރު ކޮޅެއް ކުރިންވެސް އޭނާ ވަނީ ޝޯއެއް ދީފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަށްވެސް އޭނާ އޮތީ ޝޯތަކެއް ރާވާފައެވެ.

"ފުލް ހައުސް"ގައި ޑޭނީ ޓޭނާގެ ރޯލުން 1987 އިން 1995 އަށް އަދި 2016 ވަނަ އަހަރު ނެޓްފްލިކްސްގެ ސްޕިންއޯފް "ފުލާ ހައުސް"ގެ ސީޒަންތަކުން އާންމުން ގިނަ ބައެއްގެ ލޯބި ހޯދި ސަގެޓްއަކީ، މަޝްހޫރު ކޮމެޑީ ސީޒީޒް "ހައު އައި މެޓް ޔޯ މަދާ" ގެ ނެރޭޓަރުވެސްމެއެވެ.

1989 އިން 1997 އަށް، "އެމެރިކާޒް ފަނިއަސްޓް ހޯމް ވީޑިއޯޒް" ވެސް ހުށަހަޅާ ދީފައި ވަނީ ސަގެޓްއެވެ.