ޕާކް ކުރުމުގެ މައްސަލައަށް ހައްލެ ގެނައުމުގެ އަމާޒުގައި މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލުން މިކަން ކުރަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

ހަމައެހެންމެ އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރަންވާނީ ބިމާ ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަމަށް އެސިޓީގައި ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ކައުންސިލުގެ މި މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ.

އެސިޓީގައި މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ މުއާމަލާތުގެ ލިޔެކިއުންތައް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ވަނީ ވިއްކަން ނިންމާފައިވާ ސްލޮޓުތައް ކުރަހާނީ މާލޭގެ 20 ފޫޓަށް ފުޅާ މަގުތަކުގެ ތެރެއިން، ސައިކަލު ޒޯނަކަށް ނާރާ ގޮތަށް ޓްރެފިކަށް ވެސް ބާރުބޮޑުނުވާ ގޮތަށް ކަމަށް ބުނެފައެވެ. އެގޮތުން، މާލޭގެ ޗާޓުން ސްލޮޓުތައް ހުރި ތަންތަނާއި، ބޭނުންވާ ސްލޮޓުތައް ތަރުތީބުން ހިޔާރުކޮށް ހުށަހެޅުމުން ލިބެންހުރި ސްލޮޓުތަކުގެ ތެރެއިން ސްލޮޓެއް ހަމަޖައްސައިދެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި، އެއްވެސް ސަބަބަކާ ހުރެ ސްލޮޓުގެ ލޮކޭޝަން ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ސިޓީ ކައުންސިލުން ކޮށްދޭނެ ކަމަށް ވެސް އެކުންސިލުން ވަނީ ބުނެފައެވެ.