"ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި އުރީދޫ އިން މުބާރާތުގައި ބައިވެރިވެއްޖެއެ.

އުރީދޫ މޯލްޑިވްސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާއެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ރަށްތަކުން 91 ޓީމެއް ބައިވެރިވެއެވެ. އަދި މި މުބާރާތުގައި 177 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޓީމުތަކެއް ބައިވެރިވާއިރު މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފާ ވަނީ ހުޅުމާލެ ޓާފް ދަނޑުގައެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއާޝަނުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި މާލެ އާއި ފުވައްމުލައް ނޫން އެހެން ހުރިހާ ރަށަކުން އެއް ޓީމަށް ބައިވެރިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވުމުގެ ފުރުސަތުދެއެވެ.