2016 ވަނަ އަހަރު މާލޭގެ ގެއެއްގައި ޑްރަގް ވިޔަފާރި ކުރާ ކަމަށް ހައްޔަރު ކުރި ދިވެހި ފިރިހެނެއްގެ މައްސަލަ އިސްތިއުނާފް ކުރުމުން ވެސް އެ މައްސަލައި ގައި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދަމަހައްޓައިފިއެވެ.

މާލޭގައި ޑްރަގް ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 2016 ވަނަ އަހަރު އޮގަސްޓް މަހު ތެރޭ ގެއެއް ބަލައި ފާސްކޮށް، ފުލުހުން ޑްރަގާއި އެ ތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާއާ އެކު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކޮށް، އެ ދެ މީހުންގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރިއެވެ.

އެ ގޭގެ ކޮޓަރިއަކުން ގިނަ އަދަދެއްގެ އެމްޑީއެމްއޭ ފެނުނު އިރު ޑްރަގް ވިއްކައިގެން ހޯދި ކަމަށް ދައުލަތުން ގަބޫލުކުރާ ފައިސާތަކެއް ވެސް އެ ކޮޓަރިން ފެނުނެވެ. އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ހެދި ގޯސްތަކަކާ ހެދި ކްރިމިނަލް ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި ނަމަވެސް، ފަހުން އޭގެ ތެރެއިން އަންހެން މީހާގެ ބައި އަނބުރާ ގެންދިޔައެވެ.

ފިރިހެން މީހާގެ ބައި ބަލައި މިއަދު ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އެ މައްސަލައިގައި ހިންގާފައިވާ ތަހުގީގު ފުރިހަމަ ނުވާތީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެގޮތުން ކޮޓަރިން ފެނުނު އެމްޑީއެމްއޭ ގުޅަތަކާއި ފައިސާއާ ބެހޭގޮތުން ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ. ފުލުހުން ހައްޔަރު ކުރި މީހާގެ ނެގި ބަޔާނުން ވެސް އޭނާއާ ސުވާލުކޮށްފައި ވަނީ އޭނާގެ ޖީބުގައި އޮތް "ބިޑި" އަކާއި ޑްރަގް އަޅާފައި ހުރި ތިން ސެލޯފިން ކޮޅާ ބެހޭގޮތުންނެވެ. އަދި އޭނާގެ ގެއިން ނެގި ފައިސާތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެއް ނުވެއެވެ. އަދި އެ ބަޔާނުގައި އެއީ އޭނާ ބޭނުން ކުރަން ގެންގުޅު އެއްޗެއް ކަމަށް ބުނެފައި ވެއެވެ. ދައުވާ ލިބުނު މީހާ ބުނެފައި ވަނީ އެއީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ ފުލުހުން އޭރު އެ ތަކެއްޗާ ބެހޭގޮތުން ސުވާލު ނުކުރީ ޑްރަގްގެ ތަހުލީލު ރިޕޯޓު ނުލިބޭތީ ކަމަށެވެ. ނަމަވެސް، އެ ރިޕޯޓު ލިބުމުން އަލުން ގާނޫނީ އިންޒާރުދީ ސުވާލުކޮށްފައި ނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުން ނިންމީ އެ މައްސަލައިގައި ތަހުގީގު ފުރިހަމަ ނުވާތީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.