ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް ނުދެވި ހުރި މުސާރަ ދީ ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން، ކޮންމެ މަހެއްގެވެސް ފުރަތަމަ ދުވަހުގެ ކުރިން މުސާރަ ޖަމާކުރަން ޖެހެއެވެ. ނަމަވެސް މި މަސް ފެށުނުއިރުވެސް ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވެފައެއް ނުވެއެވެ.
ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މުސާރަ ދެނީ ހެލްތު މިނިސްޓްރީންނެވެ.
އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ މީޑިއާތަކަށް ވިދާޅުވީ މުސާރަ ނުދެވުނު މުވައްޒަފުންނަށް މި ހަފްތާ ފެށުނުއިރު މުސާރަ އެއްކޮށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައި އޮތް އިރު މިހާތަނަށް ލިބުނު އެއްވެސް ޝަކުވާއެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި މަހުގެ މުސާރަ ލިބުމުގައި ލަސްތަކެއް ވެގެން ދިޔައިރު، އައިޖީއެމްއެޗާއި އެޗްޕީއޭގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ދިނީ ލަހުންނެވެ. އެ ދެ ތަނުގެ މުސާރަ ދިނުމުގައި ލަސްތަކެއް ވެފައިވަނީ މުސާރަ ޝީޓު ފޮނުވުމުގައި ލަސްތަކެއް ހުރުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.