މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯން، މިހާރު މާސްޓާ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ވެސް ލިބޭ ގޮތް ހަދައިފިއެވެ.
މަތީ ތައުލީމުގެ ލޯން ސްކީމަށް ހުޅުވާލި ފުރުސަތުތަކާ ގުޅޭގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ނުވި ނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފަިއވާ ކަމަށެވެ. މިގޮތަށް ފުރުސަތު ފަހިކޮށްދީފައި ވަނީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުން ދާތީ ކަމަށާއި ކޮވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެ އިން ބޭރަށް ދިޔުމަށް ދަތިވެފައި ވާތީ ކަމަށެވެ. މީގެ އިތުރުން މި ބަދަލު ގެނައުމުގައި ރާއްޖޭގެ ކޮލެޖުތަކުގައިވެސް މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު އޮތުމަކީ ވެސް މާސްޓާސް ޑިގްރީއަށް ލޯން ސްކީމް ހުޅުވާލި ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަހަރުގެ ލޯން ސްކީމްގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖައްސައި ދިނީ ވަކި ދާއިރާތަކަކުން ކަމަށާއި ނަމަވެސް މި އަހަރު ލޯން ސްކީމަށް ފުރުސަތު ހުޅުވަލާފައި ވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް އެ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ ގޮތަށް ކަމަށް އިބްރާހިމް ހަސަން ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ވެސް ލޯން ސްކީމަށް 40 ސްލޮޓް ރިޒާވް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިންއުނގެނުމަށް ހުޅުވާލި 720 ފުރުސަތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަ 417 ފުރުސަތާއި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް 303 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި އަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައި ވަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ 3 ޕަސެންޓުން 1 ޕަސެންޓަށް ކުޑަކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއެކޭ ވެސް އެއްގޮތަށް މި ފަހަރުގެ މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ރާއްޖޭގައި ބޭރުން ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ފަރާތްތަކުން ލޯނަށް ހުށައަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އެނގޭ ލިޔެކިއުން ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ލޯން ސްކީމަށް އެޕްލިކޭޝަން ހުށައަޅަން ހުޅުވާލާފައި މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން ހުށައަޅާ ފޯމްތައް ޗެކޮށް މަދުވާ ލިޔެކިޔުންތައް ހުށައެޅުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗް މަހުގެ 3 ވަނަ ދުވަހުގެ 13:30 ގައެވެ.