ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ހުކުމް ކުރެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ކަމަށް މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ކުރިއަށް ދިޔަ ފަނޑިޔާރުން ވިހެއުމުން ޗުއްޓީ ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި އާޒިމް ވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރުމަށް ނިންމެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސްވެރިންގެ ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ބުނީ، އާޒިމް ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް މަޖިލީހުގައި ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއް ބާރުން އަނެއް ބާރުގެ ތެރެއަށް އަތް ބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ރައްޔިތުން ދެކޭ ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.
ހަމަ އެއާއެކު، ނިމިދިޔަ ބައި އިލެކްޝަންގައި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން އެމްޑީޕީއަށް ތާއީދު ނެތްކަން ހާމަވުމުން އެކަން ހަޖަމް ނުވުމަކީ އާންމުންގެ ކުށެއް ނޫން ކަމަށާއި، އަދި އެއީ ޖުޑީޝަރީ އާއި އެހެނިހެން މުއައްސަސާތަކުގެ ކުށެއް ނޫން ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އެހެންކަމުން، އާންމުންގެ ނިންމުން ބަލައިގަނެ، މުއައްސަސާތަކަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލާކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި އާޒިމްގެ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ،ޔާމީން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ ނިންމުމަކީ "އަޖައިބުވާ ކަހަލަ" ނިންމުމެއް ކަމަށެވެ.
މި މައްސަލާގައި އާޒިމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ ނޮވެމްބަރު 28، 2019 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.
މިނިވަންވެ ވަޑައިގަތުމަށް ފަހު، އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ޒިންމާ ނެންގެވުމަށް ފަހު، ޔާމީން ދަނީ ރަށްރަށަށް ވަޑައިގެން އެ ހަރަކާތް ފުޅާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެ ހަރަކާތަށް ސަރުކާރުގެ އިސްވެރިންނާއި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.