ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލަގެޖް ބެލްޓުގައި އެމްއޭސީއެލްގެ މުވައްޒަފެއްގެ އަތް ތާށިވެ، ބިނދިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ސްރީލަންކަން އެއާލައިންސް އިން މުދާ ބާލަން އުޅުމުގެ ތެރޭގައި މުވައްޒަފުގެ ވާ އަތް ތާށިވެގެން ކަމަށެވެ.

މިހާރު އޭނާއަށް ދަނީ ފަރުވާ ދެމުން ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.

އެއާޕޯޓަކީ ގިނަ އަދަދެއްގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް ތަފާތު ޓެކްނިކަލް މަސައްކަތް ކުރާ ތަނަކަށް ވާއިރު ވީއައޭގައި މިފަދަ ހާދިސާތައް ހިނގާލެއް މަދެވެ. ނަމަވެސް ދާދިފަހުން ރޭމްޕް މަތީގައި ވެހިކަލެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑިއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މުވައްޒަފަކަށް އަނިޔާ ވެފައި ވެއެވެ.