ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ހޯދި ފައިސާއިން އޭނާގެ އަންހެނުން، ގދ. ތިނަދޫ، ލަކީލާސްޓް، ރާމިޒާ އަލީ މަނީ ލޯންޑާ ކުރި ކަމަށް ދައުލަތުން ބުނާ މައްސަލައިގައި ބައެއް ހެކިތަކާ އެކު މައްސަލަ ކުރިއަށް ނުގެންދިއުމަށާއި އެ ހެކިތައް ބަލައިނުގަތުމަށް އޭނާގެ ފަރާތުން އެދިއްޖެއެވެ.

މި މައްސަލާގައި ރާމިޒާގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ ކުރީ އޭނާގެ ފިރިމީހާ، ހަސަން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، ލޫތުގެ ފައިސާއިން މުއާމަލާތް ކޮށްފައި ވާތީއެވެ. ލޫތު ހޯދި ފައިސާ ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510 ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170 ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އަދި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެއެވެ. އަދި އެ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮއްވާ އެ ފައިސާ ނަގައި ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.

ރާމިޒާގެ މައްޗަށް ކުރި ދައުވާގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާ އިރު، އެ އަޑުއެހުމުގައި އޮތީ ދިފާއުން ޝަރީއަތުގެ މަރުހަލާގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. ރާމިޒާގެ ފަރާތުން ހުށަހަޅާ ކަންކަން ބަޔާން ކުރަމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މަނީ ލޯންޑަރިން ސާބިތު ކުރުމާ ނުގުޅޭ ހެކިތައް ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންންވާ ކަމަށެވެ. އެގޮތަށް ހުށަހެޅީ، އެ ހެކިތަަކަކީ ދައުވާއާ ނުގުޅޭ ކަންކަމަށް ވާތީ އާއި، ދައުވާއާ ނުގުޅޭ ހެކިތަކާ އެކު މައްސަލަ ކުރިއަށް ނުގެން ދެވޭނެތީ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެއީ އެހެން މައްސަލައެއްގައި ހިމެނޭ ހެކިތަކެއް ކަމަށާއި، އެ ހެކިތައް މި މައްސަލައިގައި ދައުލަތުން "ކޮޕީ ޕޭސްޓް" ކުރީ ކަމަށް ޝާހު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ދައުލަތުން ބުނީ، އެ ހެކިތަކަކީ ރާމިޒާ ލޯންޑާ ކުރި ފައިސާ އަކީ "ޕްރިޑިކޭޓް އޮފެންސް" ނުވަތަ ސާބިތު ކުރަން ކޮން ކުށެއް ކޮށްގެން ހޯދި ފައިސާކަން ސާބިތު ކުރަން ހުށަހަޅާ ހެކިތަކެއް ކަމަށާއި ރާމިޒާގެ މަައްޗަށް ކުރެވޭ ދައުވާގެ އަސާސަކީ އެ ފައިސާއަކީ ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ ބޭނުން ކުރުން ފާހަގަ ކުރާ ކަމަށެވެ. މީގެ އިތުރުން އެ ހެކިތައް ދައުލަތުން ހުށަނާޅައި ކުރިއަށްގެން ދިޔަ ނަމަ ދިފާއުން ބުނާނީ އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަނާޅާއި އޮތް ކަމަށް ކަމަށް ދައުލަތުން ބުނެއެވެ.

އެހެންކަމުން ދައުލަތުން އެދޭ ގޮތަށް ހެކިތަކާ އެކު މައްސަލަ ކުރިއަށްގެންދާ ނަމަ ޖިނާއީ އަދުލުގެ ނިޒާމާ ވަރަށް ބީރައްޓެހި، ވަރަށް ހުތުރު ކަންތައްތަކެއް ޕްރެކްޓިސް ކުރެވިދާނެ ކަމަށް ފެނިވަޑައިގަންވަނާ ކަމަށް ދީފާއީ ވަކިޅް ޝާހު ވިދާޅުވިއެވެ.