ތިން އަހަރު ދުވަސްވީ އިރުވެސް ހއ. ފިއްލަދޫ ސްކޫލަށް ޕްރިންސިޕަލެއް ނުފޮނުވާ ލަސްވާތީ، އެ ރަށުގެ ބެލެނިވެރިންތަކެއް ސްކޫލް ކުރިމަތީގައި އިހްތިޖާޖު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިއްލަދޫ ސްކޫލްގެ ބެލެނިވެރިން އެ ސްކޫލްގެ ގޭޓު ކައިރީގައި ޝުއޫރު ފާޅުކުރާތަން ފެނެއެވެ. އެވަގުތު އެ ސްކޫލްގެ ބައެއް ޓީޗަރުންނާއި މުވައްޒަފުންވެސް ބޭރުގައި ތިބި މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ބެލެނިވެރިން އެ ތަނުން ފޮނުވާލާފައެވެ. އަދި ސްކޫލް ވަނީ ހުޅުވާފައެވެ.

މި މައްސަލައާ ގުޅިގެން ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޒީފް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ރަށު ސްކޫލަށް ޕްރިންސިޕަލެއް ބޭނުން ވެގެން މިދިޔަ ޑިސެމްބަރު މަހު އިއުލާނު ކުރުމުން، ދެ މީހަކު އެ މަގާމަށް ކުރިމަތިލި ކަމަށާއި އެހެން ނަމަވެސް، ޕްރިންސިޕަލަށް ހޮވުނު ފަރާތުގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮތުމުން، ގެނައުން ލަސްވެފައިވާ ކަމަށެވެ.

އަދި ބެލެނިވެރިން މިއަދު ކުރި އިހުތިޖާޖުގައި ފިއްލަދޫ ސްކޫލްގެ ގޭޓް ތަޅުލާފައި ހުރުމުން، އެ ސްކޫލަށް ޓީޗަރުން މިއަދު ނުވަންނަ ކަމުގައިވެސް ރަޒީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ދަ ޕްރެސް" އަށް ވިދާޅުވީ، ފިއްލަދޫ ސްކޫލަށް ޕްރިންސިޕަލް ހަމަޖައްސައި ނުދެވިގެން އުޅެނީ އެ ސްކޫލްގެ ޕްރިންސިޕަލް ކަމަށް ހޮވުނު ފަރާތުގެ މައްސަލައެއް އެ މިނިސްޓްރީގައި އޮތުމާ ގުޅިގެން ކަމަށާއި، އެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަންގެ ލަފަޔަކަށް އެދިފައި ވާއިރު، އެ ކޮމިޝަންގެ ލަފާ ލިބުމުން އެ ރަށަށް ޕްރިންސިޕަލް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފިއްލަދޫގެ އިތުރުން، ޅ. ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ޕްރިންސިޕަލެއް ނެތި، ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާތީ، އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ވަނީ މިދިޔަ މަހު އިހްތިޖާޖު ކޮށްފައެވެ.