މިއަދު 1589 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެ ބަލި ފެތުރޭތީ 4 ރަށެއް މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރި ކޮވިޑް 19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،617 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 1850 ސާމްޕަލް ނަގައިފާ ވަނީ މާލެ ސަރަހައްދުންނެވެ.

މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވި 1589 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 400 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 843 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 80 މީހެކެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނައިރު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަށްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު 4 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު އެ ލިސްޓުގައި މިހާރުވެސް 39 ރަށެއް އެބައޮތެވެ. މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފާ ވަނީ ތ. ވިލުފުށި، ގދ. ފިޔޯރީ، ގދ. ހޯޑެއްދޫ އަދި ރ. އަލިފުއްޓެވެ.

މިދިޔަ ޑިސެންބަރު މަހު މޮނިޓަރިންގެ ހާލަށް ގެނައި ކ. މާފުއްޓާއި ހއ. އިހަވަންދޫ އަދިވެސް އޮތީ އެ ލިސްޓްގައެވެ.

މިދިޔަ ޖެނުއަރީ މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ އަދި ބ. އޭދަފުށި ހިމެނެއެވެ.

މީގެ އިތުރުން ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލީގެ އިތުރުން އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ.ކެންދޫ، ރ. ކިނޮޅަސް، ބ. ތުޅާދޫ އަދި ރ. އިނގުރައިދޫ ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި މަހު ހދ. ވައިކަރަދޫ އާއި ނ. ހޮޅުދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރުވެސް ބަލި ޖެހިފާ ތިބި މީހުންގެ އަދަދު ވަނީ 17،637 އަށް އަރާފައިވާއިރު ރާއްޖެއިން މިހާތަނަށް ޖުމްލަ 148،580 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް 281 މީހަކު މަރުވެފައިވާއިރު އެ ބަލި ޖެހިގެން މިވަގުތުވެސް 52 މީހަކަށް އެނދުމަތިކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.