ކޮވިޑާ ގުޅިގެން ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން އަަމަލު ކުރަން ޖެހޭ އުސޫލު އާންމުކޮށް 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއާރެންސެއް ގެންދަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މި އިންޝުއަރޭންސް ޕެކޭޖް 12 ޑޮލަރަށް ލިބޭއިރު މިހާރު ޓިކެޓް ވިއްކަނީވެސް އިންޝުއަރޭންސް ޗާޖް ހިމަނަައިގެންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކާއަށް ދަތުރު ކުރުމުގެ ކުރިން ހުއްދަ ހޯދުމަށް އުސޫލުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އަދި ދަތުރުކުރުމުގެ ކުރިން ވެސް ކުރަންޖެހޭ ކަންކަން އެ ގައުމުގެ ސަރުކާރުން އާންމުކޮށްފައި ވާ ކަމަށެވެ. އެ ގޮތުން ނަގަން ޖެހޭ ހުއްދައިގެ އުސޫލުގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ޓޫރިސްޓް ރޫޓުން ނޫން ގޮތަކަށް ސްރީލަންކާއަށް ދަތުރު ކުރެވޭނީ އެގައުމުގެ އިމިގްރޭޝަނުން ދަތުރުކުރުމުގެ ހުއްދައެއް (ލޭންޑިން ޕާމިޓެއް) ނަގައިގެން ކަމަށެވެ. އަދި ސްރީލަންކާއަށް ދަތުރު ކުރުމުގައި ޓޫރިސްޓް ރޫޓު އިހްތިޔާރު ކުރާ ނަމަ، މި ވެބްސައިޓުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދައިގެން ދަތުރު ކުރުމަށް ވަނީ އަންގާފައި ކަމަށާއި ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ނަގައިގެން ތިބުމަށް ދާ ފަރާތްތަކުން "އެންޓްރީ ވިސާ" އެއް ނަގަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިހާރު އެ ގައުމުން އާންމުކޮށްފައިވާ އުސޫލުތަކަށް ބަލާ އިރު، ސްރީލަންކާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް، ދަތުރު ކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭ ހަދާފައިވާ ކޮވިޑް ނެގެޓިވް ޕީސީއާރް ނަތީޖާއެއް ގެންދަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކެ ކޮވިޑް-19 ވެކްސިން ޖަހާފައިވާ ނަމަ އެ ވެކްސިނޭޝަން ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށާއި ދަތުރު ކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސް އަކާ އެކުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އިންޝުއަރެންސްގައި ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހިއްޖެ ކަމުގައިވާ ނަމަ އެކަން ވެސް ހިމަނަން ޖެހޭނެ ކަމަށާއި މި އިންޝުއަރެންސުން ސްރީލަންކާގައި މަޑުކުރާ މުއްދަތުގެ އިތުރުން 14 ދުވަސް އިތުރަށް ހިމަނަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ޓްރެވެލް އިންޝުރެންސް މި ވެބްސައިޓް އިން ހެއްދޭނެއެވެ.

ސްރީލަންކާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ފުރުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުން ސްރީލަންކާގެ "ހެލްތް ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށް ފަހު ކިޔުއާރު ކޯޑު ހޯދަން ވާނެ ކަމަށާއި ކިޔުއާރް ކޯޑު އެއާޕޯޓުން ބޭނުންވެއްޖެ ހާލަތެއްގައި ދައްކަން ވާނެއެވެ. ހެލްތު ޑިކްލަރޭޝަން ފޯމު ފުރައި ކިޔުއާރު ކޯޑު https://airport.lk/health/index މި ވެބްސައިޓުން ހޯދޭނެއެވެ.

އެހެންކަމުން، ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާ އެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިން 7983400 ނުވަތަ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން 94768816666+ އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.