ރައީސް އިމްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަކަށް ނިނުމެވަޑައިގަތުމުން މިގައުމު ގުޑާނެ ކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާގައި ހިމެނޭ މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުންނެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހާއި، ނަޝީދާއި ގާސިމް އަދި އިމްރާން ނިކުމެވަޑައިގަތުމުން މިގައުމު ގުޑާނެ ކަމަށާއި ކޮމަންޑޫ ދާއިރާ އުފުރިގެން އަންނާނެ ކަމަށެވެ. އަދި ރާޝިދު ހޮވިއްޖެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވަނީ އެމްޑީޕީގެ ކެންޑިޑޭޭޓްގެ ކެމްޕެއިން ޓީމްގެ ޖޯޝާއި ފޯރި ފެންނަމުންދާ ކަމަށާއި ވާދަވެރިން ފަހަތައް ޖެހެމުންދާ ކަމަށް ވިދާޅުވެފައެވެ.

ދެން ތިބި ފަރާތްތަކުން މަޑު މަޑުން ފަހަތައް ޖެހޭތަން އެބަ ފެނޭ. އަޅުގަނޑުމެނަށް ރީތިކޮށް އެ މަންޒަރު އެބަ ފެނޭ. ފަހަރުގައި ރަނގަޅީ އެ ބޭފުޅުންނަށް ވެސް އެ ގޮތް ކަމަށްވެސް ވެދާނެ. މާގިނަ ބޭކާރު މަސައްކަތްތައް ބައެއް ފަރާތްތަކުން ނުކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތްކަމަށްވެސް ވެދާނެ. އަޅުގަނޑުމެން ޔަގީންކުރަން އަޅުގަނޑުމެންގެ ޓީމްތައް މިދަނީ ބާރަށް ކުރިއަށް. ވަރަށް ގުޅިގެން ވަރަށް އެކުގައި،
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މާދަމާ ބާއްވާ ބައި އިލެކްޝަނަށް ކުޑަތަންވެފައި ވާއިރު އިމްރާންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މި ވަގުތު ތިއްބެވީ އެ ދާއިރާގެ ކެމްޕެއިނަށް ވަޑައިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.

ޕީޕިއެމް އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރަައްވާ ދެ ކެންޑިޑޭޓުންނަކީ ކޮމަންޑޫ ރައްޔިތުންނެެވެ. އަދި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ ފޯކައިދޫ ރައްޔިތެކެވެ.

ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.

4 ލީޑަރުން ބައިވެރިވެވަޑައިގެން އިއްޔެ ކޮމަންޑޫގައި ބޭއްވި ޖަލްސާ / ފޮޓޯ: އެމްޑީޕީ

އިމްރާން "ގައުމު ގުޑުވަން" ނުކުންނެވި އިރު، ކޮމަންޑޫ ދާއިރާ އަކީ ބައި އިލެކްޝަނެއްގައި ދައުލަތުގެ ބަޖެޓުގެ ބޭރުން ޖުމްލަ 239 މިލިއަން ރުފިޔާގެ މަޝްރޫ ކެމްޕެއިނާ ދިމާކޮށް ބާރަށް، ހިންގާ ފުރަތަމަ ދާއިރާކަން ފާހަގަ ކުރެވެއެވެ. ކޮމަންޑޫ ދާއިރާއަށް 2022 އަހަރުގެ ބަޖެޓުގައި އޮތީ 28 މިލިއަން ރުފިޔާއެވެ. އަދި އިއްޔެ ކޯލިޝަންގެ 4 ލީޑަރުން ކޮމަންޑޫއަށް ވަޑައިގެންނެވި އިރު އިސްތިގުބާލުގައި ތިބީ މަދު ބަޔެއްކަންވެސް ފާހަގަ ކުރެވެއެވެ.