މިއަދު 1834 މީހަކ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެ ބަލިޖެހިގެން ފަރުވާ ދެމުން ދިޔަ ދެމީހަކު މިއަދު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ކޮވިޑް 19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،657 ސާމްޕަލް ނަގައިފާވާއިރު އޭގެތެރެއިން 2542 ސާމްޕަލް ނަގައިފާވަނީ މާލެ ސަރަހައްދުންނެވެ.

މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވި 1834 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 748 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 698 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 65 މީހެކެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނައިރު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަށްވެސް އަންނަނީ އިތުރުވަމުންނެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރުވެސް ބަލި ޖެހިފާ ތިބި މީހުންގެ އަދަދު ވަނީ 17،413 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ކޮވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިބވްވި މީހުންގެ އަދަދު 145،036 އަށް އަރައިފާވާއިރު އޭގެ ތެރެއިން 127،330 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް 280 މީހަކު މަރުވެފައިވާއިރު އެ ބަލި ޖެހިގެން މިވަގުތުވެސް 60 މީހަކަށް އެނދުމަތިކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.