އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ފުރާނައާއި ތަކެއްޗަށް ގެއްލުންދޭ މީހުންނަށް ދީނުގެ އަގީދާ ހާމަކޮށްދިނުމަށްޓަކައި މިއަހަރު "ނެޝަނަލް މޮޑަރޭޝަން ކެމްޕެއިން"ގެ ނަމުގައި ޕްރޮގްރާމެއް ފަށާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދީނާއި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލަށް ބުރުލެއް އައުމަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްލާމީ ތަރިކައާއި ދީނުގެ ސައްހަ އަގީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާކުރުމުގެ އަސްލު ކަމަށާއި، އެހެންވެ މިދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިސްލާމްދީނާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ، އިސްލާމީ ރިވެތި އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށް ކަމަށެވެ.

"މިގޮތުން، މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު." ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި، މީހުންނާއި ތަކެއްޗަށް ގެއްލުންދޭ މީހުންނަށް އިސްލާމްދީނުގެ ސައްހަ އަގީދާ ހާމަކޮށްދިނުމަށްޓަކައި ދީނީ އިލްމުވެރިންގެ އެހީގައި މި އަހަރު "ނެޝަނަލް މޮޑަރޭޝަން ކެމްޕެއިން"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ.

މީގެ އިތުރުން، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް ދީނީ ތައުލީމްގެ ރޮނގުން ޑިގްރީ ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާރު 290 އިމާމުންނާއި މުދިމުން ތައުލީމީ މަރުހަލާ ފުރިހަމަކުރަމުން ދާ ކަމާއި، ޤުރްއާން ކިޔަވައިދޭ 1،599 ޓީޗަރުންވެސް ތަމްރީނުކޮށް ނިމިފައިވާ ކަން ރައީސް ހާމަ ކުރެއްވިއެވެ.

އަދި ހައްޖާއި އުމްރާގެ އިތުރުން، ވަގްފާއި ޒަކާތާ ބެހޭ ގާނޫނުތައް އެކުލަވާލައި މި އަހަރު މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.