ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އަންނަ ހޯމަ ދުވަހު 720 ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 2،100 އަށް ވުރެ ގިނަ ދަރިވަރުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާނެ ކަމަށެވެ.

އޭގެ ތެރެއިންވެސް ސަރުކާރުން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކަން ރައީސް ފާޙަގަ ކުރެއްވިއެވެ.

"ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން." ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ފަންނުވެރިން އުފެއްދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި، އެގޮތުން ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރުންނަށް ލޯން ދޫކޮށްފައިވާއިރު، 1،150 ފަންނުވެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ އާއި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއާ ކޮލެޖް އަދި ޕޮލިޓެކްނިކް ގާއިމް ކުރުމުގެ މަސައްކަތްތައް އެބަ ހިންގަމުން ދާ ކަމަށާއި، އެގޮތުން ބައެއް ރަށްރަށުގައި މި މަސައްކަތްތައް ފެށި، އަނެއް ބައި ރަށްރަށުގައި މި މަސައްކަތްތައް ފަށަން މިހާރު ވަނީ އިއުލާނުކޮށްފައި ކަމަށެވެ.