އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަ ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމު ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޓީޗަރުން ކަމަށާއި، އެހެންވެ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ.

އެހެންކަމުން އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އަންނަ މޭ މަހުން ފެށިގެން ކޮންމެ ޓީޗަރެއްގެ މުސާރައަށް 56 ޕަސެންޓު ކުރިއެރުން އަންނާނެއެވެ.

މިބަދަލާއެކު، ގްރެޖުއޭޓް ލެވަލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް." ރައީސް ވިދާޅުވިއެވެ

މި ހިނގަމުންދާ ދިޔާސީ އަހަރު ފެށުމުގެ ގޮތުން ހުޅުމާލެ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އޭރު ވިދާޅުވީ، ޓީޗަރުން ހޭދަކުރާ ވަގުތާ އެކަށޭނަ ގޮތުން، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް އޭރު ވިދާޅުވެފައިވެއެވެ.

ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.