ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި ބިޔަރުތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 97 ފުޅި ބަނގުރަލާއި 14 ދަޅ ބިޔަރު ހިމެނޭ ކަމަށާއި އެ ތަކެތި ނަައްތާލާފައި ވަނީ ސ. ހިތަދޫ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

މީގެ އިތުރުން އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.