މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއެކު ހަދާފައިވާ ބްރޭންޑް އެމްބެސެޑަރުކަން ތިންވަނަ އަހަރަށް އުރީދޫން މިއަދު އާކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ 26 އަހަރު ކުރިން 1996 ވަނަ އަހަރު އުފެއްދި މާޒިޔާ ކްލަބުން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މީގެތެރޭގައި ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021)ގެ ސީޒަން ކާމިޔާބުކުރުން ހިމެނެ އެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާ އިންނެވެ.

މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ 2015 ވަނަ އަހަރުން ފެށިގެން އުފައްދައިގެން އެ ކުލަބުން ގެންދަނީ ރާއްޖޭގެ އެކި ހިސާބުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ބޭނުންކޮށްގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ވެސް ހިންގަމުންނެވެ. އުރީދޫގެ ބޮޑު ބައިވެރިވުމަކާ އެކު ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ އާއި އުރީދޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

"ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަސް އެއް ގާއިމް ކުރެވި، ކުރާ ކޮންމެ ކަމެއްގައި ވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. ފެށުނީއްސުރެވެސް ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް. އެހެންކަމުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު މިއޮތް ޕާޓްނަރޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް އެ ކްލަބުގެ މެއިން ސްޕޮންސަރެއް ގޮތުގައި ކުރިއަށް ދިއުމަށް ނިންމުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ފެށުނީސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ. ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.