ހެލްތް މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން މުސާރަ ޖަމާނުވާ މުވައްޒަފުންނަށް މިރޭ ވަގުތެއްގައި ނޫނީ މާދަމާ މުސާރަ ޖަމާވާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ މުވައްޒަފުންނާއި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމައެއް ނުވެއެވެ.
ހެލްތް މިނިސްޓްރީއިން ބުނީ އެކަން އެހެންވީ ގިނަ މުވައްޒަފުން ޕޮޒިޓިވްވުމާއި ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ގިނަ މުވައްޒަފުން ކަރަންޓީންވެ ތިބެން ޖެހުމާ ގުޅިގެން މުސާރަ ޝީޓްތައް ނިންމަން ޖެހޭ ދުވަހަށް ނުނިމި ލަސްވުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ވަނީ މުސާރަ ޝީޓްތައް ނިންމާ ފިނޭންސްއަށް ފޮނުވައިފައި ކަމަށާއި މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި މުސާރަ ޖަމާވާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން ކޮންމެ މަހެއްގެ ވެސް އެއްވަނަ ދުވަހުގެ ކުރިން ކުރީ މަހުގެ މުސާރަ ސިވިލް ސާވެންޓުންނަށް ޖަމާ ކޮށްދޭން ޖެހެއެވެ.
މުސާރަ ޖަމާ ނުވުމުގެ މައްސަލަ ފެންމަތިވި އިރު، ކޮވިޑާ ގުޅިގެން އެކިއެކި މީހުންނަށް ދޭން ޖެހޭ ފްރޮންޓްލައިން އެލަވަންސް ޝީޓުތައްވެސް އެތައް ފަހަރަކު ނުނިމިގެން އެލަވަންސް ނުދެވުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.