އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް ހަދަން ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދޭން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމައިފިއެވެ.

އެސްޓީއޯގެ ޑިޖިޓަލް ބޭންކް، "އިވޯލްވް" އަށް ލައިސަންސް ނުދޭން އެމްއެމްއޭއިން ނިންމާ އެކަން އެސްޓީއޯއަށް އެންގީ މިދޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އިވޯލްވް ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ހުއްދައަށް އެދި އެސްޓީއޯއިން އެމްއެމްއޭއަށް ހުށަހެޅީ ސެޕްޓެމްބަރު 7، 2021 ގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެވެސް ވަނީ ޑިޖިޓަލް ބޭންކިންގެ ހިދުމަތަށް އެހެން ގައުމުތަކުންވެސް ވަންނަމުން ދާއިރު، އެސްޓީއޯއިންވެސް ރާއްޖެއަށް ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތައާރަފް ކޮށްދިނުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެސްޓީއޯއިން ފަށަން އުޅޭ ޑިޖިޓަލް ބޭންކިންގް ހިދުމަތާ ބެހޭ ގޮތުން އަމްރު މީގެ ކުރިން ވިދާޅުވީ، ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށްދެވޭނެ ކަމަށާއި އެގޮތުން އެކައުންޓު ހުޅުވުމާއި އެހެނިހެން މުއާމަލާތްތައްވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ހިންގޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުންކުރާއިރު ކާޑު ގެއްލުނު ކަމުގައި ވިޔަސް އަމިއްލައަށް މެނޭޖް ކުރެވޭނެ ކަމަށާއި އަމިއްލައަށް އަލުން އެ ކާޑު އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކިން ބްރޭންޑްކޮށް ވިޔަފާރި ރަޖިސްޓަރީވެސް ކޮށްފައި ވަނިކޮށް އެމްއެމްއޭއިން ހުއްދަ ނުދިނީ ކޮން ސަބަބަކާ ހުރެކަމެއް ސާފެއް ނުވެއެވެ. އެމްއެމްއޭއިން އެ ސުވާލަށް ޖަވާބެއް ނުދިނެވެ.