ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، އަސްހަދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާ ވަކިކުރައްވައިފި ކަމަށެވެ.

15 ދުވަހުގެ މުއްދަތަކަށް އަސްހަދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަ ދިނުމުގައި ޖާމިނުވުމާ ގުޅިގެން، އެ މުއްދަތުގައި އަލީ ވަހީދު އެނބުރި ނައުމާ ގުޅިގެންނެވެ

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވާ، ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި، ބޭސްފަރުވާ އަށް ފުރުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ ދީފައިވަނީ އަސްހަދު ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދައިގެން ހަތަރު މަސްދުވަހުގެ ތެރޭ އަލީ ވަހީދު މިކޮޅަށް އަންނަ ގޮތަށެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އަލީ ވަހީދު އެނބުރި ނާދެއެވެ. އަލީ އެދުނީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އިންތިޒާމު ހަމަޖައްސައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ހާޒިރުކޮށް ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެކަމަށް އިއުތިރާޒު ކުރިއެވެ.

އޭރު ކްރިމިނަލް ކޯޓުން ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ނުދެވިއްޖެ ނަމަ، އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ.