މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމާފައިވާތީ، ރައްޔިތުން މަޖިލިސްގެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މަޖިލީސް ކުރާ ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މަޖިލިސް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ސަރަހައްދުގައި ހިމެނޭ މަގުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށާއި ހިނގާ ބިނގާވާ މީހުންނަށް ނުވަދެވޭނެގޮތަށް ބަންދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މާދަމާ 05:45 ން ފެށިގެން ޖަލްސާ ނިމެންދެން އެސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިރަަސްމިއްޔާތަށް މެދުޒިޔާރަތްމަގު މަޖީދިއްޔާ ސްކޫލު ކައިރިން ފެށިގެން ދަރުމަވަންތަ ސްކޫލް ކައިރީ ޕާކިން ޒޯނާއި މަޖިލިސް އިދާރާ ކުރިމަތިން އޮންނަ ޕާކިން ޒޯން ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު 03:00 ގެ ކުރިން ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެނެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުވެސް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އިއުލާނުކޮށްފައިވާއިރު މާދަމާ ޖަލްސާ ފެށުމަށް ހަމަޖެހިފާ ވަނީ ހެނދުނު 9 ޖަހާއިރެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މިދިޔަ އަހަރު އޮތީ ދަރުބާރުގޭގައެވެ.