އުމުރުން 5 އަހަރު ނުވާ ކުދިންނަށްވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާން އެ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިން ޖެހުމުގެ ހުއްދަ ދިނުމަށް އެދި، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި، ފައިޒާއިން، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތުގައި އެދިއްޖެއެވެ.

ފައިޒާއިން މިފަދަ ހުއްދައަކަށް އެދުމާއެކު، ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައި، އެންމެ ތުއްތު ކުދިންނަށްވެސް އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ފެށުން އެކަށީގެންވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ވަނީ، ކޮވިޑް ވެކްސިން ޖަހަން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ މަސައްކަތް، ފައިޒާއާއި ފައިޒާ ކުންފުނީގެ ވެކްސިން ބައިވެރިޔާ، ބައޮއެންޓެކުން ރާވާފައި ވާ ތާވަލަށް ކުރިން ކުރިއަށް ގެންދިއުމަށް އެދިފައެވެ. މިއީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.

މުޅި އެމެރިކާގެ އާބާދީއަށް ބަލާއިރު 5 އަހަރުން ދަށުގެ ކުދިންނަކީ އެ ގައުމުގައި މި ވަގުތު ކޮވިޑް ވެކްސިނަށް ޝަރުތު ހަމަ ނުވާ ހަމަ އެކަނި އުމުރުފުރާއެވެ. މި ގިންތިއަށް ފެތެރޭ 19 މިލިއަނެއްހާ ކުދިން އެމެރިކާގައި އެބަތިބި ކަމަށް ހަބަރު ލިބެއެވެ. މި ދުވަސްވަރަކީ ހަލުވިކަމާއެކު ފެތުރޭ އޮމިކްރޯން ވޭރިއަންޓްގެ ރާޅު ފެތުރެމުން ދާ ދުވަސްވަރަކަށް ވާ އިރު، ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ދަނީ ތުއްތު ކުދިންނަށް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް އެދެމުންނެވެ.

އުމުރުން އެންމެ 6 މަހުގެ ކުދިންނަށްވެސް ފައިޒާ ވެކްސިންގެ ބޮޑެތި މީހުންގެ ޑޯޒްގެ 10 ބައިކުޅަ 1 ބައި ޑޯޒް ޖެހޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފައިޒާ ކުންފުނިން މިހާރުވެސް އެފްޑީއޭއަށް ތަފާސް ހިސާބުތައް ހުށަހަޅާފައި ވާނެ ކަމަށާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުހަލާތައް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.