ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ޕްލާސްޓިކްގެ ތަޣައްޔަރު ކަމުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރަމުން ދަނީ ކޮކާ-ކޯލާއާއި ޕެޕްސީކޯއިން ކަމަށް، ވިދިވިދިގެން 4 ވަނަ އަހަރަށް، "ބްރޭކް ފްރޯ ފްރޮމް ޕްލާސްޓިކް"ގެ ރޭންކިންގްއިން ދައްކައިފިއެވެ.

"ބްރޭކް ފްރޯ ފްރޮމް ޕްލާސްޓިކް" އަކީ، އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލަސްޓިކާ ދެކޮޅަށް، އަދި ޕްލާސްޓިކުގެ ތަޣައްޔަރު ކަމުގެ ކާރިސާއަށް ދެމިގެންދާ ހައްލެއް ހޯދުމަށް ހިންގާ ހަރަކާތެކެވެ.

2021 ވަނަ އަހަރުގެ ރޭންކިންގްއަށް ބަލާއިރު، ޕްލާސްޓިކްގެ ތަޣައްޔަރު ކަމުގެ ރޭންކިންގްގައި ދެން ހިމެނޭ އިތުރު ބްރޭންޑްތަކުގެ ތެރޭގައި ޔުނިލެވާ، ނެސްލޭ، ޕްރޮކްޓާ އެންޑް ގޭމްބްލް، މާސް، ކޮލްގެޓް އަދި ޕާމްއޮލިވް ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ޕްލާސްޓިކް ޕެކޭޖިންގްގައި ބަންދުކޮށްފައިވާ ކޮކާ-ކޯލާ ކޭސްތަކެއް/ފޮޓޯ: ދަމޭޒްއެޓްލާންޓާޕޯސްޓް

"ބްރޭކް ފްރޯ ފްރޮމް ޕްލާސްޓިކް" ރިޕޯޓް ބުނާ ގޮތުގައި ބައި ގަރުނުގެ ތެރެގައި ޕްލާސްޓިކް އުފެއްދި މިންވަރު ވަނީ 20 ގުނަ އިތުރު ވެފައެވެ. އެގޮތުން 1966 ވަނަ އަހަރު 20 މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް އުފެއްދި އިރު، 2015 ވަނަ އަހަރު، މި އަދަދު، 381 މިލިއަން މެޓްރިކް ޓަނަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދެވަނަ ފަހަރަށް ޕްލާސްޓިކް ބޭނުން ކުރުމަށް ކުންފުނިތަކުން ޕައިލެޓް ޕްރޮޖެކްޓްތައް ހިންގަމުން ދިޔަ ނަމަވެސް، އެއީ އަދި އެކަށީގެންވާ ވަރުގެ ހައްލެއް ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިކަމުގައި އޮތް އެދެވޭ އެއް ހައްލަކީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކަށް ބަރޯސާވާވުން ކުޑަކޮށް، ކުންފުނިތަކުން އެފަދަ ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުން ކަމަށްވެސް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބޭނުންކުރުމަށްފަހު އުކާލާފައިވާ ކޮކާ-ކޯލާ ހުސްކުރި ޕްލާސްޓިކް ފުޅިތަކެއް/ފޮޓޯ: ފްލިކާ

ވޯލްޑް ބޭންކުން ބުނާ ގޮތުގައި، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަކީ އެ ގައުމުތަކުގައި އުފައްދާ ކުނީގެ 93 ޕަސެންޓް އަކީ މަގުތަކާ، ހާމަ ބިންތައް ނުވަތަ ފެން ދައުރު ކުރާ މަގުތަކަށް އުކާލާ ނުވަތަ އެފަދަ ތަންތަނުގައި ބަހައްޓައިގެން އަންދާ ކުންންޏެވެ. މިކަމުގެ ސަބަބުން ފެން ހިނދޭ ނިޒާމުތައް ބެދި، ފެންބޮޑުވެ، ފެނުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކަށްވެސް ފުރުސަތު ހުޅުވިގެން ދެއެވެ.

ކަނޑުތަކަށް ދިމާވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން މުޅިންހެންވެސް ސަމާލުކަން ދެވިފައި އޮތީ ކަނޑު އުޅަނދުފަހަރުން، އެކަށީގެންވާ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މައްޗަށެވެ. ނަމަވެސް ފަހުގެ ހޯދުންތަކަށް ބަލާއިރު، އެއް ގަމުގައި އުފައްދާ ކުންޏަކީވެސް ކަނޑަށް ވާސިލުވުމުގެ ފުރުސަތު އޮތް ކުނިކަން ވަނީ ދެނެގަނެވިފައެވެ. ކަނޑަށް އެޅޭ ކުންޏަކީ، މަސްމަހާ މެއްސަށް އެ ކުނި ކެވިފައި ހުރުމުގެ ސަބަބުން، އިންސާނާއާ ހިސާބަށް، ކާތަކެތީގެ ގޮތުގައިވެސް ފޯރާ ކުނިކަން ހަނދާން ކުރަންޖެހެއެވެ.

އަދުގެ ރޭޓުގައި ކަނޑަށް ޕްލާސްޓިކް އުކާލަމުން ދާ ނިސްބަތަށް ބަލާއިރު، 2030 ވަނަ އަހަރު އަންނައިރު މި އަދަދު، 53 މިލިއަން މެޓްރިކް ޓަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، މިއީ ގާތްގަނޑަކަށް، އަހަރެއްގެ މައްޗަށް ކަނޑުން ބާނާ މަހުގެ ޖުމުލަ ބަރުދަން ކަމަށްވެސް "ބްރޭކް ފްރޯ ފްރޮމް ޕްލާސްޓިކް"ގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.