1962 ވަނަ އަހަރު ގދ. ތިނަދޫ އިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ޕަބްލިކް ހިއަރިން އިއުލާން ކުރުމާއި ބަޔާން ދިނުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުނީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަން ކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާ ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުންނާއި، ތިނަދޫން މީހުން ބޭލި މައްސަލައާ ގުޅޭ އިތުރު މައޫލޫމާތު ހޯދުމަށް ޕަބްލިކް ހިޔަރިން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް އަންނަ މާޗް މަހުގެ 3 އިން 5 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށް އެ އޮފީހުން ބުނެއެވެ. އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް އަންނަ މާޗް މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައި ވެސް ބޭއްވުމަށް ވަނީ ނިންމާފައި ކަަމަށް އެ އޮފީހުން ބުނެއެވެ.
މި ޕަބްލިކް ހިއަރިންތަކުގައި ބަޔާން ދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓު ކުރަން ބޭނުންވާ ނަމަ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ދެމެދު އެމީހެއްގެ މައުލޫމާތު އެ އޮފީހާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އެ ގޮތުން އެ އޮފީހަށް ހިއްސާކުރަން އެދިފައިވާ މައުލޫމާތު ތަކަކީ ނަން ނޯޓް ކުރަން އެދޭ މީހާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅޭ ގޮތް ނުވަތަ މައުލޫމާތު އެނގޭ ގޮތާއި، ބަޔާން ދޭން ބޭނުން ވަނީ ލިޔުމުން ތޯ ނުވަތަ ހާޒިރުވެގެން ތޯ އާއި، ބަޔާން ދޭން ބޭނުން ވަނީ ގދ. ތިނަދޫގައި ތޯ ނުވަތަ މާލޭ ސިޓީގައި ތޯ އެ އޮފީހަށް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
މި މައުލޫމާތު ހިއްސާ ކުރާ މީހުން އެ އޮފީހުގެ ނަންބަރު 7223473 އަށް ފޯނުން ގުޅައި، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި އެ އޮފީހުގެ އީމެއިލް އެޑްރެހަށް މެއިލް ކޮށްގެން މައުލޫމާތުތައް ހިއްސާ ކުރެވޭނެ ކަމަށް އޮމްބަންޑްޕާސަން އޮފީހުން ބުނެއެވެ.